ވިޔަފާރި

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އާންމުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންނާއި ބައްދަލުކުރުން

މީޑިއާ ގްރާންޓުގެ ދަށުން ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ.

މިއީ މީޑިއާތަކަށް ފައިސާ ލިބޭނެ މިންގަނޑުތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނާ ހަވާލުކުރުމާ ގުޅިގެން އެކުލަވާލާފައިވާ އުސޫލެކެވެ.

މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އެ ވުޒާރާއިން އެކުލަވާލި އުސޫލު ވަނީ ބާތިލުކޮށްފައެވެ. އަދި މި މަސައްކަތް މީޑިއާ ކޮމިޝަނާ އަލުން ހަވާލުކުރިއިރު، އަލަށް އެކުލަވާލި އުސޫލުގައި ވެސް މީޑިއާތަކުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަޖިސްޓްރީ ކޮށްގެން ހިންގާތާ މަދުވެގެން 1 އަހަރު ވެފައިވުމާއި، ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮތުމެވެ. މީގެ އިތުރުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އެނގޭނެ ބޭންކު ލިޔުމެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭއިރު، ކުރިން ފައިސާ ލިބިފައިވާ ފަރާތްތަކުން އެ ފައިސާ ޚަރަދުކުރި ގޮތުގެ މާލީ ބަޔާނެއް ވެސް ހުށަހަޅަން ޖެހެއެވެ.

އުސޫލުގައިވާ ގޮތުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ ވަސީލަތް ހިންގި ނަމަވެސް، މައި ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭހެން މާލީ އެހީ ލިބޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ އެންމެ މީޑިއާއަކަށެވެ. އެގޮތުން ކޮންމެ މީޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހަޅާއިރު ބޭނުންކުރާ ގިނަވެގެން 2 މަންސަ ނުވަތަ މީޑިއަމް ބަޔާންކުރެވިދާނެއެވެ. އެހީ ދިނުމުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ ތަޢުލީމާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށާއި، ބިޒްނަސް ޕްލޭން އަދި އުފައްދާ ކޮންޓެންޓުގެ ބާވަތަށް ބަލައިގެންނެވެ.

މާލީ އެހީ ލިބޭނީ މަދުވެގެން 50 މާކްސް ލިބޭ މީޑިއާތަކަށެވެ. ނަމަވެސް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ މީޑިއާއަކާ މެދު ފިޔަވަޅެއް އަޅައި އެކަން އާންމުކޮށްފައިވާ ނަމަ، އެޅި ކޮންމެ ފިޔަވަޅަކަށް 3 މާކްސް އުނިކުރެވޭނެއެވެ. މީޑިއާތަކުން އެހީއަށް އެދި ހުށަހެޅުމާއި މާކްސް ދިން ގޮތް ބެލުން ކުރިއަށްދާނީ ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ކަމަށްވާއިރު، މާކްސް މުރާޖާކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް މީޑިއާތަކަށް ލިބިގެންދެއެވެ.

ފައިސާ ދޫކުރުމުގައި ބަލާނެ މިންވަރު ކަނޑައަޅާނީ އުސޫލުގައި ބަޔާންކޮށްފައިވާ ޚާއްސަ ފޯމިއުލާއަކުންނެވެ. ކޮމިޝަނުން އެހީ ލިބޭ މީޑިއާތަކުގެ ލިސްޓު އެކުލަވާލައި ދާޚިލީ ވުޒާރާއަށް ފޮނުވުމުން، އެ ވުޒާރާ މެދުވެރިކޮށް މާލީ ވުޒާރާއިން ފައިސާ ޖަމާކޮށްދޭނީ އެ މީޑިއާއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަށެވެ.

ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މީޑިއާތަކަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މިފަދަ އެހީއެއް ދިނުމުގެ މައިގަނޑު މަޤުސަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާތަކަކަށް ހެދުމާއި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރުކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާ ހަރުދަނާ އިންޑަސްޓްރީއަކަށް ހެދުމެވެ.

ކުރިއަށްވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ކުރިއެރުވުމަށް 13 ސަރަހައްދެއްވިޔަފާރި

ގުޅުންހުރި ޚަބަރު

ކޮމެންޓް

ކޮމެންޓުތައް ފެންނާނީ ރިވިއުކުރުމަށްފަހު.