ސިޔާސީ

އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް، ފިނޭންސް މިނިސްޓްރީން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 59.7 ބިލިއަން ރުފިޔާއެވެ.

މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ބަޖެޓުގެ ޖުމްލަ އަދަދު މި އަހަރަށްވުރެ ދަށްވި ނަމަވެސް، ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ހިންގުމުގެ ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ އިތުރުން ހިމެނެނީ ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތަކަށް ހިނގާނެ 9.9 ބިލިއަން ރުފިޔާގެ ކެޕިޓަލް ހަރަދެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ދައުލަތަށް ލިބޭނެ އާމްދަނީއަށް ބަލާއިރު، ހިލޭ އެހީއާއެކު އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ކުރިއަށް އޮތް މެދުރާސްތާގައި ދައުލަތުގެ އާމްދަނީ މަތިވަމުން ގޮސް، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާއަށް އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އެގޮތުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި އަލަށް ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ ފައިސާގެ ގޮތުގައި ހިމެނޭ 750 މިލިއަން ރުފިޔާ ހިމެނެއެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރު ނިމޭއިރު ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 7.6 ބިލިއަން ރުފިޔާގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން %6.2 އެވެ. ނަމަވެސް އަންނަ އަހަރު ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖީޑީޕީގެ %7.3 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް ހުންނާނެ ކަމަށް ލަފާކުރެވެނީ މި އަހަރު %2.5 ގައި އަދި އަންނަ އަހަރު %3.4 ގައެވެ.

ކުރިއަށްރިއަލް އެސްޓޭޓް ބިލުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީސިޔާސީ

ގުޅުންހުރި ޚަބަރު

ކޮމެންޓް

ކޮމެންޓުތައް ފެންނާނީ ރިވިއުކުރުމަށްފަހު.