ރިއަލް އެސްޓޭޓް ބިލުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަނީ
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ރިއަލް އެސްޓޭޓުގެ ބިލާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތައް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު މި ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 7 ގެ ކުރިންނެވެ. މީގެ އިތުރުން، ބިލާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މުއްދަތު އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.
ކޮމިޓީން ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ލިޔުމުން ހިޔާލު ހޯދުމަށެވެ. ނަމަވެސް، އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އާންމުންގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، ވިޒިޓް މޯލްޑިވްސް އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ އިދާރާތަކުން ލިޔުމުން މަޝްވަރާ ހޯދުމަށެވެ. އެހެންނަމަވެސް ބިލުގައި ހިމެނޭ އެކި މާއްދާތަކާ ގުޅިގެން މެންބަރުން ސާފުކުރަން ބޭނުންވާ ކަންކަމަށް ފަސޭހަކަމާއެކު ޖަވާބު ލިބޭނީ އެ މުއައްސަސާތަކުގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާކުރެއްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑަށް ފެނޭ މި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުވެ، ބިލުގައި ހުރި ބައެއް ކަންތައްތަކާ ބެެހޭގޮތުން ކޮމިޓީ މެމްބަރުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދުމުގައި ފަސޭހަވާނެތީ، އިތުރުކޮށްލަން ބޭނުންވޭ، މި މިނިސްޓްރީތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ހިއްސާކުރަން ފެންނަ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހު ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ބަހުސްގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ ބިލުގެ ސަބަބުން ހާސިލުވާނެ ލަނޑުދަނޑިތަކާއި، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް ކުރާނެ ފައިދާއާމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންނަމަވެސް، ކަމާބެހޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ބިލު އިތުރަށް ދިރާސާކުރުމަށް އާޒިމް ހުށަހެޅުއްވި ހުށަހެޅުމަށް ސަމީރު ވެސް ވަނީ ތާއީދުކުރައްވައި ވޯޓު ދެއްވައިފައެވެ.
