ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ކުރިއެރުވުމަށް 13 ސަރަހައްދެއް
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ވަކި ސިނާއަތެއްގެ ގޮތުގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި، މިހާތަނަށް 13 ސަރަހައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، އެ ވަސީލަތްތަކުން ރައްޔިތުންނަށް ލިބޭ މަންފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.
މެރިކަލްޗަރގެ މަސައްކަތްތަކަށް ޚާއްސަކޮށްގެން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ތ. އަތޮޅުން 2 ސަރަހައްދު، މ. އަތޮޅުން 3 ސަރަހައްދު، ފ. އަތޮޅުން 2 ސަރަހައްދު، ދ. އަތޮޅުން 2 ސަރަހައްދު އަދި ގއ. އަތޮޅުން 1 ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްވެސް މި މަސައްކަތަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން މިހާރު ދަނީ މި ސަރަހައްދުތައް މެދުވެރިކޮށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
މި ސިނާއަތް ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، ކުރިން އަހަރަކު 2 ފަހަރު ހިންގަމުން އައި ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ވަނީ އަހަރަކު 4 ފަހަރަށް އިތުރުކޮށްފައެވެ. މި އަހަރު 4 ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ޖުމްލަ 8 ކޯހެއްގެ ދަށުން މިހާތަނަށް 102 ފަރާތެއް ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
ދިވެހިރާއްޖޭގެ މެނިފެސްޓޯ 2023-2028 ގެ ދަށުން މި ދާއިރާ ހަރުދަނާކުރުމަށް ވޭތުވެދިޔަ 3 އަހަރު ތެރޭގައި ގިނަގުނަ އަމަލީ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ވަސީލަތްތައް ހޯދައިދިނުމާއި، މާލީ އެހީތެރިކަމުގެ އިތުރުން ޚާއްސަ ލުއިތަކާއެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިގޮތުން "އެސްއެމްއީ ޑިޖިޓަލް" އާއި މަސްވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި، 2025ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުން މި ދާއިރާއަށް އަހުލުވެރިކޮށް، ގައުމުގެ އިޤްތިޞާދަށް މެރިކަލްޗަރ މެދުވެރިކޮށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.
