ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަނީ
ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ ތަރައްޤީކޮށް، ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ. މި ދެ ރަށުގައިވެސް ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ވަނީ ހުޅުވާލާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިޢުލާނުގައިވާގޮތުން، ތިމަރަފުށިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 26،480.67 އަކަމީޓަރުގެ ބިމެކެވެ. 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މި ބިމުގައި ހޮޓާ ޢިމާރާތްކޮށް، ޚިދުމަތް ދޭން ފެށުމަށް ކާމިޔާބުކުރާ ފަރާތަކަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މަޝްރޫޢުގެ ލީސް އެކުއިޒިޝަން ކޮސްޓް (އެލްއޭސީ) ގެ ގޮތުގައި 100،000 ޑޮލަރު ދައްކަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއްގައި 25،000 ޑޮލަރު ބަހައްޓަން ޖެހެއެވެ.
މީގެއިތުރުން، ފޮނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ތިން ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ 32،129 އަކަފޫޓުގެ ބިމަކާއި، 33،801 އަކަފޫޓުގެ ބިމެއްގެ އިތުރުން 26،736 އަކަފޫޓުގެ ބިމެކެވެ.
މި ދެ ރަށުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ދެ ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ ޑިސެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނޮވެންބަރު 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނުވަތަ ޑިސެންބަރު 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން leasing@tourism.gov.mv މެދުވެރިކޮށް ނަމާއި، އީމެއިލް އަދި ފޯނު ނަންބަރު ހިއްސާކުރަން ޖެހެއެވެ.
މި ދެ މަޝްރޫޢުގެ ބީލަން ފޮތް ޖަނަވަރީ 6 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖަނަވަރީ 7 ވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.
